
ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އަދި ތަފާތު އެއް ސުޕަރޔޮޓް ކަމަށްވާ “މޯޓަރ ޔޮޓް އޭ” (އެމް.ވައި.އޭ)، ދެ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު އަލުން ފެނިއްޖެއެވެ.
2008ވަނަ އަހަރު ބްލޮހްމް އެންޑް ވޮސް އިން ބަނދެ، މަޝްހޫރު ޑިޒައިނަރު ފިލިޕް ސްޓާކް ޑިޒައިންކޮށްފައިވާ މި ޔޮޓަކީ 300 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. ތިލައެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި މެގަޔޮޓަކީ އާ އީޖާދުތަކާއި މުއްސަނދިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ރަޝިޔާގެ މަހުޖަނު އަންދްރޭ މެލްނިޗެންކޯގެ އޯޑަރަށް ބަނދެފައިވާ 119 މީޓަރުގެ މި ޔޮޓުގައި ބޮމުގެ ހަމަލާތަކުން ސަލާމަތްވެވޭ ފަދަ 44 މިލިމީޓަރުގެ ބޯ ބިއްލޫރި ހަރުކޮށްފައިވެއެވެ. މީގެ އިތުރުން 40 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާއާއި މޯޝަން ސެންސަރުގެ އިތުރުން ނުރައްކާތެރި ހާލަތެއްގައި ސަލާމަތްވުމަށް ބޭނުންކުރާނެ “އެސްކޭޕް ޕޮޑް” އެއް ހުންނަ ކަމަށް ވެސް އަޑުފެތުރިފައިވެއެވެ. އަދި 14 މެހެމާނުންނާއި 42 ފަޅުވެރިންގެ ޖާގައިގެ މި ޔޮޓުގައި ވަރުގަދަ ދެ މޭން އިންޖީނު ހުންނައިރު، މީގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 23 ނޯޓެވެ.
މި ޔޮޓު ފިލަން މަޖުބޫރުވީ، 2022ވަނަ އަހަރު ރަޝިޔާގެ މަހުޖަނުންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، މީގެ އަނެއް ޔޮޓު ކަމަށްވާ 580 މިލިއަން ޑޮލަރުގެ “ސެއިލިންގ ޔޮޓް އޭ” އިޓަލީން ހިފެހެއްޓުމާ ގުޅިގެންނެވެ. އެފަދަ ހާލަތަކުން ސަލާމަތްވުމަށްޓަކައި މޯޓަރ ޔޮޓް އޭ ވަނީ އެހެން އުޅަނދުތަކަށް ނޭނގޭނެހެން އޭގެ ޓްރެކިންގ ސިސްޓަމް (އޭއައިއެސް) ނިއްވާލައިގެން ދުބާއީއަށް ގޮސްފައެވެ.
ދުބާއީގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ޔޮޓުގެ މެއިންޓެނަންސް މަސައްކަތްތަކެއް ކޮށްފައިވާއިރު، އެކި ފަހަރު މަތިން ޔޮޓުގެ ދިދަ ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފުރަތަމަ އައިލް އޮފް މޭންގެ ދިދައިގައި އޮތުމަށް ފަހު، ކުޑަ ދުވަސްކޮޅަކަށް ރަޝިޔާގެ ދިދަ ނެގިއެވެ. އޭގެ ފަހުން ސިއެރަ ލިއޯން އަދި އެންމެ ފަހުން މެލޭޝިއާގެ ދިދައަށް ވަނީ ބަދަލުކޮށްފައެވެ.
ފާއިތުވި މަހު، މި ޔޮޓު ވަނީ އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް ޓްރެކިންގ ސިސްޓަމް ޖައްސައިގެން ދުބާއީއިން އޮމާނަށް ދަތުރުކޮށްފައެވެ. މި ދަތުރާ ގުޅިގެން، ޔޮޓުގެ ވެރިފަރާތް ބަދަލުވެފައިވާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެތުރިފައެވެ. އަދި އުފެއްދި ދުވަހުން ފެށިގެން ހަމައެކަނި އަމިއްލަ ބޭނުމަށް ދުއްވަމުން އައި މި ޔޮޓު، ފުރަތަމަ ފަހަރަށް ލަގްޒަރީ ޗާޓަރު މާކެޓަށް ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ. މިއީ މި ޔޮޓުގެ ތާރީޚުގައި އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ.

