
ގއ. ދެއްވަދޫގެ ޒުވާނުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި ހޭންޑްބޯޅަ ކޯޓެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ކިނާނެވެ. އަދި ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީ ތަމްސީލުކުރައްވައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
ޖުމްލަ 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައި ވަނީ 120 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތުގެ ތެރޭގައި ކޯޓުގެ ކޮންކްރީޓާއި ދަގަނޑުގެ މަސައްކަތްތަކުގެ އިތުރުން، ކަރަންޓު ވަޔަރުކުރުމާއި، ޓާފް އެޅުމާއި އަދި ކުޅުމަށް ބޭނުންވާ އެންމެހާ އާލާތްތައް ހަރުކުރުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ގާތްގަނޑަކަށް 1400 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ދެއްވަދޫގައި މިފަދަ ކުޅިވަރުގެ އާ ވަސީލަތެއް ޤާއިމުވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއްކަމަށް ސަރުކާރުން ދެކެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިމެ ފެންވަރު ރަނގަޅު ކުޅިވަރުގެ އުމްރާނީ ތަރައްޤީ ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ މުހިންމު އަމާޒެކެވެ. މިގޮތުން، މާލެއާއި އަތޮޅުތެރޭގައި ތަފާތު ކުޅިވަރު ފެސިލިޓީތައް ބިނާކޮށް، އެ ތަންތަން ބެލެހެއްޓުމަށްޓަކައި މުވައްޒަފުން އައްޔަނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމެވެ.

