
ދެބަސްވާ ފިކުރުގެ ތެރެއިން ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަ ކަމާއެކު އެންމެން ވެސް މަސައްކަތްކޮށްދިނުމަށް ތަރިކައިގެ ވަޒީރު ހީނާ ވަލީދު މިއަދު އެދިވަޑައިގެންފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ މި ތާރީހީ ދުވަހުން ވެސް ރަމްޒުކޮށްދޭ ކަމަކީ ދިވެހި ދައުލަތަކީ އަމިއްލަވަންތަ ސިފަތައް ދެމެހެއްޓޭނެ ގައުމެއް ކަމަށެވެ.
“މިއަދަކީ ގައުމީ ދަރިންގެ މަސައްކަތުން ހިމާޔަތުގެ ކަސްތޮޅުން ވީއްލި، ސިޔާސީ ގޮތުން ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދިހަ ވިހުރުވާލި އުފާވެރި ދުވަސް. މި ގައުމު އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމުގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ބާރުވެރިކަން ހޯދި ތާރީހީ ދުވަސް,” ހީނާ ވިދާޅުވިއެވެެ.
ވަޒީރު ހީނާ ވިދާޅުވީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ވީއްލިގެން މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަތާ 61 އަހަރު ވީ ނަމަވެސް ދިވެހި ދައުލަތުގެ މިނިވަންކަމަކީ ހަގީގަތުގައި 1,000 އަހަރަށްވުރެ ދިގު ތާރީހެއް އޮތް ކަމެއް ކަމަށެވެ.
އެ ގޮތުގައި އެތައް އަހަރެއް ދެމެހެއްޓުމުގެ މައިގަނޑު ސަބަބަކީ ގައުމީ މިނިވަން ފިކުރު އެއް ޖީލުން އަނެއް ޖީލަށް ރައްދުކުރެވި، އެ ފިކުރު ގައި މަސައްކަތް ކުރާނެ ދަރިންތަކެއް އަބަދުވެސް ތިބުނާ ކަމުގައި ހީނާ ފާހަގަކުރެއްވިއެވެ.
“އެތައް ހާސް އަހަރަކަށް މި މިނިވަންކަން ދެމެހެއްޓުމުގެ ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާ އެކު ވާރުތަކުރި މިނިވަން ފިކުރު. ހުޅުވެމުންދާ ދުނިޔެއެއްގައި ގައުމީ ޝަހުސީ ފިކުރު އަމާނާތްތެރިކަމާ އެކު ޖީލުން ޖީލަށް ރައްދުކޮށްދެވުނުކަން,” ހީނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ތާރީހުން ފެންނަން އޮތް އަނެއް ކަމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫ އެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި އެއް ސަބަބަކަށް ދިވެހިންގެ ކޮންމެ ވެސް ބަޔަކު ބައިވެރިވުން ހިމެނޭ ކަން ހީނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ގައުމުގައި މިނިވަން ފިކުރު ދެމެހެއްޓުމާއި، ގައުމީ މިނިވަންކަން ނެގެހެއްޓުމަށް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

