
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ދިވެހި މަސްވެރިންނަށް އެކަމުގެ މާލީ ބުރަ އުފުލަން ނުޖެހޭނެ ގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ ‘އެކްސް’ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް މަސްވެރިންނަށް ހުއްޓުމެއްނެތި ކަނޑަށް ނުކުމެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ސަރުކާރުގެ މި ނިންމުން މަސްވެރިން ވަރަށް އުފަލާ އެކު ބަލައިގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހައި މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ… pic.twitter.com/yGGxcMdyCe
— Ahmed Shiyam (@Shiyamaldives) April 18, 2026
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބުން ދަތިވެފައި އޮތުމަށްފަހު، މިހާރު އެންވެރިކަން ރަނގަޅުވަމުން އަންނަކަން ވަޒީރު ހާމަކުރެއްވިއެވެ. އެހެންކަމުން، މަސްވެރިކަން ތިޔާގި ހިސާބުތަކަށް އޮޑިފަހަރު ފޮނުވުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. މުޅި މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކަމާބެހޭ ކުންފުނިތަކާއި ފަރާތްތަކާ ގުޅިގެން ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

