
“މައްކާ ރޫޓު” އިނިޝިއޭޓިވްގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ 18 މެންބަރުންގެ މައްޗަށް އެކުލެވޭ އިސް ވަފުދެއް ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ސަޢުދީން ވަޑައިގެންނެވި މި ޚާއްޞަ ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ވަފުދުން ރާއްޖޭގައި ޙަރަކާތްތެރިވަމުން މިދަނީ، މިއަހަރު ޙައްޖަށް ފުރާ ދިވެހިންގެ އެންމެ ފުރަތަމަ ޤާފިލާ މި ހިނގާ މަހުގެ 15ވަނަ ދުވަހު ފުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖޭގައި މައްކާ ރޫޓުގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެވިފައި ވަނީ ނިމިދިޔަ 1446ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއެކު ކުރެއްވި ގިނަގުނަ މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން ލިބުނު މި ފުރުޞަތު، މިދިޔަ އަހަރު ރަސްމީގޮތުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެ ރަސްމިއްޔާތުގައި ސަޢުދީ ދާޚިލީ ވުޒާރާގެ މުޝީރު އަދި މައްކާ ރޫޓު ކޮމިޓީގެ ރައީސް ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން ޢަބްދުލްޢަޒީޒު އަލްޔަޙްޔާ އިސްކޮށް ހުންނަވައިގެން ސަޢުދީގެ އިސް ވެރިންގެ ޓީމެއް ބައިވެރިވެވަޑައިގެންފައިވެއެވެ.
A warm welcome was extended upon the arrival of the delegation of the Makkah Route Initiative to the Maldives, as preparations and coordination efforts commence ahead of the upcoming Hajj departures.#مبادرة_طريق_مكة pic.twitter.com/F0CO2v2IPu
— Ministry of Islamic Affairs & Endowments (@MVIaffairs) May 11, 2026
މައްކާ ރޫޓުގެ ސަބަބުން ޙައްޖުވެރިންނަށް ލިބޭ އެންމެ ބޮޑު އެއް ލުޔަކީ، ފުރުމުގެ ކުރިން ދިވެހިރާއްޖޭގައި ތިބެގެން ސަޢުދީގެ އިމިގްރޭޝަން މަރުޙަލާތައް އެއްކޮށް ފުރިހަމަކުރެވުމެވެ. އަދި ހަމައެހެންމެ، އެ މީހުންގެ ލަގެޖުތައް ސީދާ މައްކާގައި ތިބޭ ހޮޓާތަކަށް ގެންގޮސްދެވޭނެ އިންތިޒާމު ހަމަޖެހިފައިވުމުން، ޖިއްދާގެ ވައިގެ ބަނދަރުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހި، އަޅުކަމުގެ ދަތުރު ނުހަނު ފަސޭހަވެގެންދެއެވެ.
ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ސީދާ ބެއްލެވުމުގެ ދަށުން، އެ ޤައުމުގެ ވިޝަން 2030 ގެ ތެރެއިން 2018ވަނަ އަހަރު ފެށި މި މަޝްރޫޢު ހިންގަމުން އަންނަނީ ސަޢުދީގެ ދާޚިލީ ވުޒާރާއާއި ޙައްޖު އެންޑް އުމްރާ މިނިސްޓްރީ ގުޅިގެންނެވެ.

