
ފުލުހުންގެ މުއައްސަސާގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައާއި އައްޑަނަ އަދި ރަން ފިލާ ހަވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ފުލުހުންގެ އިދާރާއަށް އެންމެ ދިގު މުއްދަތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްގެ ގޮތުގައި ފާހަގަކޮށް، މި ޖަލްސާގައި ޚާއްޞަ ހަނދާނީ ރަން ފިލައެއް އަރުވާފައި ވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީއަށެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އަދި ދާޚިލީ އެކި މުއައްސަސާތަކުން ބާއްވަމުން އަންނަ ގާތް ގުޅުމާއި ދެމުންދާ އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ވަނީ ހަނދާނީ އައްޑަނަ ދީފައެވެ. އޭގެ ތެރޭގައި ޗައިނާ، ޖަޕާން އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަންތަކާއި އެމްބަސީތައް ހިމެނެއެވެ. އަދި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް، ޔޫއެންއޯޑީސީ، އެލައިޑް އިންޝުއަރެންސްގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވެސް މި ލިސްޓުގައި ހިމެނިފައިވެއެވެ.
ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުން ފުލުހުންނަށް ދެމުންގެންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް އެ އިދާރާތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. މިގޮތުން އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަނަލް ސަރވިސް އަދި ކްރިމިނަލް ކޯޓު ފަދަ މުހިންމު އިދާރާތައް ހިމެނެއެވެ. ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް، އެމްޓީސީސީ، ޕީއެސްއެމް، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށް ވެސް ވަނީ މި ރަސްމިއްޔާތުގައި ފިލާ އަރުވާފައެވެ.
މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން، ފަރުދީ ގޮތުން ފުލުހުންގެ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ފަރާތަކަށް ވެސް މި ހަފްލާގައި ވަނީ އަގުވަޒަންކޮށްފައެވެ. އެގޮތުން އާންމު ރައްޔިތުންގެ ތެރެއިން ކ. ކާށިދޫ، މާވިނަ، އަޙްމަދު ޔާސިރު ފޯރުކޮށްދެއްވި ޚިދުމަތްތައް ބަލައިގަނެ، އޭނާއަށް ވެސް ހަނދާނީ ފިލައެއް ވަނީ ހަވާލުކޮށްފައެވެ.

