
ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ “ދާރުއްސަލާމް” ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަޤްޞަދުގައި، 244.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ބާރަ ފަންގިފިލާއަށް އުފުލާ މި ބިޔަ ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރް.ސީ.ސީއާއެވެ. ވިހިހާސް އަކަފޫޓުގެ ބޮޑު ބިމެއްގައި (ޕްލޮޓް ނަންބަރު 11646) ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި ވަނީ 24 މަސް ދުވަސް ނުވަތަ ދެ އަހަރުގެ މުއްދަތެކެވެ. މި ޢިމާރާތުގެ ބިންގާ، ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފެށުން@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/SeSQnMFTuU
— Ministry of Islamic Affairs & Endowments (@MVIaffairs) August 24, 2026
މި ވަޤްފު ޢިމާރާތުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ނެގެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ހިންގޭ ތަފާތު ޕްރޮގްރާމްތަކަށެވެ. މާލެ ސަރަހައްދުގެ އިތުރުން، އާބާދީ ބޮޑެތި އެހެން ސަރަހައްދުތައް ކަމުގައިވާ ތިލަދުންމަތި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގައި ވެސް މިފަދަ ވަޤްފު ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

