
ދިވެހިރާއްޖޭގެ ފަޚުރުވެރި ތާރީޚުން އިބުރަތް ހާސިލުކޮށް ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވައި، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ގައުމީ ލޯތްބަކީ ދުވަހަކު ވެސް ފަނޑުވެގެންދާނެ އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސްގެ ތަގުރީރުގައި ވަނީ މާޒީގެ ސަފުހާތަކަށް ފުންކޮށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ހަސަން ރަސްގެފާނު އަމިއްލަ އެދުމައިގެން ޕޯޗުގީޒުންގެ ހިމާޔަތް ހޯއްދަވައިގެން ދީނާއި ގައުމަށް ހިޔާނާތްތެރިވެވަޑައިގަތް ނަމަވެސް، އޭރުގެ ސިޔާސީ ހަތުރުންކަމުގައިވާ އަލިރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު ވެސް އެ ހިޔާނާތާ ދެކޮޅަށް އެކަތިގަނޑަކަށްވެވަޑައިގެން ގައުމުގެ ދިފާއުގައި ނުކުމެވަޑައިގަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މުޅި ދިވެހި އުންމަތް ގައުމިއްޔަތުގެ ފަޅި އިހުތިޔާރުކުރިކަމުގެ އަލިގަދަ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އުތީމު މަހާރަދުންގެ މަތިވެރި ޖިހާދުން ފެނިގެންދިޔައީ މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ ފުރިހަމަ ބައިވެރިވުންކަން ރައީސްގެ ވާހަކަފުޅުގައި ތަފްސީލުކޮށްދެއްވިއެވެ. ގައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރަށްފުށުގެ މުއްސަނދިންނާއި، ވިޔަފާރިވެރިންނާއި، އާދައިގެ ނިކަމެތިންގެ އިތުރުން އިލްމުވެރިން ވެސް މި ގައުމީ މަސައްކަތުގައި ކެނޑިނޭޅި ގުރުބާންވެވަޑައިގަތްކަން ހަނދާންކޮށްދެއްވިއެވެ. ހާއްސަކޮށް، ކަޅުއޮއްފުންމި ބަނުމުގެ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސާޅީސް ރަށެއްގެ ސާޅީސް މާވަޑިން ޝާމިލުވިކަމީ، މުޅި ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި ވެސް އޭރު ވަތަނީ ވިންދު ޖަހަމުންދިޔަކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކާބަފައިންގެ މަތިވެރި ޖިހާދުން ފިލާވަޅު ލިބިގަނެ، އެއްބައިވަންތަކަމާ އެކު ގައުމީ ރޫހުގައި ކުރިއަށް ދިއުމަށް މުޅި ދިވެހި އުންމަތަށް އިލްތިމާސްކުރައްވާފައެވެ. އަދި ގައުމީ ދުވަހުގެ މައިގަނޑު މަގުސަދަކީ ވެސް މިފަދަ ބަތަލުންގެ ހަނދާންތައް އާކޮށް، ގައުމަށްޓަކައި ފަޚުރުވެރިވުމުގެ އާދަ އަށަގެންނެވުންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

