
ދާހިލީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެއްބާރުލުންދޭން މިސްރާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި ސޮއިކުރީ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މޭ 17އިން 21އަށް މިސްރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންއެވެ.
އެގޮތުން އެ ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އެ ފަހުމުނާމާގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓާ ފޯ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަހުމޫދު އަބޫ އަމްރާއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާހިލީ ސަލާމަތީ ހިދުމަތުގައި ތަޖުރިބާ ހިއްސާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކުރިއެވެ.

