
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ ކޯޒީރައުންޑް ފާޠިމަތު އަމީޒާ މިދިޔަ ބުރާސްފަތި ދުވަހު އައްޔަންކުރައްވައިފިއެވެ.
ޓެކްސް ނެގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ އަމީޒާއަކީ ވޭތުވެދިޔަ ސޯޅަ އަހަރު ދުވަހު މީރާގައި މެދުކެނޑުމެއްނެތި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވާފައިވާ އޭނާ ވަނީ، ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޒާމު ހަރުދަނާކޮށް ޓެކްސްގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
އެގޮތުން، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިޔާގެ ހައިސިއްޔަތުން އަމީޒާ ވަނީ، ޒަމާނީ ޓެކްނޮލޮޖީއާއި ޑޭޓާ އެނަލިޓިކްސްގެ އެހީގައި، ދައުލަތަށް ނުލިބި ހުރި ގިނަ އަދަދެއްގެ ޓެކްސް ފައިސާއާއި އެހެނިހެން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ވިލަރެސްކުރައްވާފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު ވަޒީރުކަމުގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާޠިމަތު އަމީޒާގެ ނަން ފޮނުއްވުމުން އެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުންގެ އިއްތިފާގުންނެވެ.

