
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް މިއަހަރުގެ މިހާތަނަށް ޖަމާކުރި ފައިސާގެ މިންވަރު އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެކަން މާލީ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް’ ރިޕޯޓު ދައްކާގޮތުން، އަހަރުގެ ފެށުމުން ފެށިގެން ޖޫން މަހުގެ 4ވަނަ ދުވަހާ ހަމައަށް އެ ފަންޑަށް ވަނީ ޖުމްލަ އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. ފާއިތުވި އަހަރުގެ ހަމަ މި މުއްދަތާ އަޅައިބަލާއިރު މިއީ ދިހަ އިންސައްތައިގެ ކުރިއެރުމެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ލިބިފައި ވަނީ 934 މިލިއަން ރުފިޔާއެވެ.
މި ފަންޑަށް ފައިސާ އިތުރުވަމުންދާއިރު، ދައުލަތުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ކުރާ ހޭދަ ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ލޯނުތައް ހަލާސްކުރުމަށް 8.7 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ 3.1 ބިލިއަން ރުފިޔާއާ އަޅާކިޔާއިރު 178 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ ތެރޭގައި، މިއަހަރު ދެއްކި 500 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ވެސް ހިމެނޭއިރު، އެ ފައިސާ ދޫކޮށްފައި ވަނީ ސީދާ އެސްޑީއެފްގެ ތެރެއިންނެވެ.

