
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލީ ބުރަ ކުޑަކުރުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ކުންފުނިތަކަށް އެންގި ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް މި ދަނޑިވަޅުގައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމުގައި މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށްޓަކައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން، އައު މުވައްޒަފުން ވަޒީފާތަކަށް އައްޔަންކުރުމުގައި އެ މީހެއްގެ ތައުލީމީ ފެންވަރާއި، ހުނަރާއި، އަދި މަސައްކަތުގެ ތަޖުރިބާއަށް ރިއާޔަތްކުރުމުގެ އުސޫލުތައް ހަރުކަށިކޮށް، އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޕީސީބީއަށް ވަނީ އިރުޝާދު ދީފައެވެ.
މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގްސަދަކީ އެންމެ ގާބިލު ފަރާތްތަކަށް ފުރުސަތު ދީގެން ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތައް ބައްޓަންކުރުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. ހަމައެއާ އެކު، މި ފިޔަވަޅުތައް ކުންފުނިތަކުން އަމަލީ ގޮތުން ތަންފީޒުކުރަމުންދާ މިންވަރު ގާތުން ބަލައި، އެކަމުގެ ރިޕޯޓުތައް ގަވާއިދުން މާލީ ވުޒާރާއާ ހިއްސާކުރުމަށް ޕީސީބީގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ.
މިއީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި އިސްރާފު ކުޑަކުރުމަށް ޕީސީބީން ކުރިން ނެރެފައިވާ އުސޫލުތަކުގެ ތެރެއިން އިތުރަށް ހަރުދަނާކުރެވުނު ކަންތައްތަކެކެވެ. މީގެ ކުރިން ވެސް އެ ބޯޑުން ވަނީ ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އައު މީހުންނަށް ވަޒީފާ ނުދިނުމަށާއި، މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމުގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި ދަތުރުފަތުރުގެ ޚަރަދުތައް ހަނިކުރުމަށް ކުންފުނިތަކަށް އަންގާފައެވެ.

