
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގެ ބިމު ކުއްޔާއި އޭގެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 97 މިލިއަން ޑޮލަރު ނުލިބި އޮތްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، މި ފައިސާއަކީ ހިންގަމުންދާ ރިސޯޓުތަކާއި، ގަވާއިދާ ޚިލާފަށް އަމިއްލައަށް ބަންދުކޮށްފައިވާ ތަންތަނުން ދައްކަންޖެހޭ ފައިސާ ކަމަށެވެ. މީގެ ތެރޭގައި 2013ވަނަ އަހަރުން ފެށިގެން ދައުލަތަށް ކުލި ނުދައްކާ އޮތް ފަރާތްތައް ހިމެނޭކަމަށާއި، މިއީ އެތައް އަހަރެއް ވެފައިވާ މައްސަލައަކަށް ވުމުން މުޅިން ހައްލުކުރުމަށް ވަގުތު ނަގާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިވެރިންނަކީ ޤާނޫނުތަކާއި ޓެކްސްގެ އުސޫލުތަކަށް ބޯލަނބާ ބައެއްކަން ވަޒީރު ގަބޫލުކުރައްވައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ގެންގުޅޭނެ ހަމަހަމަ އަދި ހަރުދަނާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި، މި ފައިސާ ހޯދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަކި މުއްދަތުތަކެއް ކަނޑައަޅައި، އެ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެއެވެ.
ދައުލަތަށް ލިބެންޖެހޭ ކުލި ނުލިބި ދިގުލައިގެން ދިއުމަކީ ވިޔަފާރީގެ މާހައުލަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ރިސޯޓުތަކުން ދައުލަތަށް ދައްކާ ކުއްޔަކީ ސީދާ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން، އެއްވެސް ރިސޯޓެއް ހިންގޭނީ ކުއްޔާއި ޖޫރިމަނާގެ ފައިސާ ބަރާބަރަށް ދައްކައިގެން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ކުލި މިހާރު ނަގަމުން އަންނަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން، ކޮންމެ ތަނެއްގެ ވެސް ކުލި ކަނޑައަޅަނީ އެ ތަނެއް އޮންނަ އަތޮޅަކާއި ބިމުގެ ބޮޑުމިނަށް ރިއާޔަތްކޮށް، އަކަމީޓަރަކަށް ކަނޑައެޅިފައިވާ ވަކި ރޭޓެއްގެ މައްޗަށް ބިނާކޮށެވެ.

