
ދަރިންނާއި އަނބިންގެ ޙައްޤުތަކަށް އިހުމާލުވުމަކީ އެ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަން މިއަދު ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
“އަމާނާތްތަކަށް ރައްކާތެރިވުން” މި މައުޟޫޢުގެ މައްޗަށް ބިނާކޮށް އިއްވި މި ޚުޠުބާގައި އަލިއަޅުވާލާފައިވާ ގޮތުގައި، އަމާނާތަކީ ހަމައެކަނި ފައިސާއާއި މުދާ ރައްކާތެރިކުރުން ކަމުގައި ދެކޭ ދެކުމަކީ ކުށްހީއެކެވެ. މީގެ ބަދަލުގައި މާތްﷲ އާއި މީސްތަކުންގެ ޙައްޤުތަކުގެ އިތުރުން، އިންސާނާއަށް ދެއްވާފައިވާ ހަށިގަނޑުގެ ގުނަވަންތަކަކީ ވެސް ރައްކާތެރިވާންޖެހޭ މުހިންމު އަމާނާތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ލޮލާއި ކަންފަތް އަދި ދޫ ފަދަ ގުނަވަންތައް ނަހަމަ ގޮތުގައި ބޭނުންނުކުރުމަށާއި، ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުބައި އާދަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަމާނާތްތެރިކަމަށް އިޝާރާތްކުރައްވަމުން، ދައުލަތުގެ މުދަލާއި ފައިސާއަށް ރައްކާތެރިވުމުގެ މުހިންމުކަން ޚުޠުބާގައި ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އާންމު ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމަކީ އަމިއްލަ މީހެއްގެ މުދަލުން ވައްކަންކުރުމަށްވުރެ މާ ނުރައްކާތެރި އަދި ފާފަ ބޮޑު ކަމެއްކަން ވަނީ ބަޔާންކޮށްދީފައެވެ. ހަމައެއާ އެކު، ތިމާ އަދާކުރާ ވަޒީފާއަކީ ވެސް އަމާނާތެއް ކަމަށާއި، މަސައްކަތުގެ ވަގުތަށް ފަރުވާކުޑަކޮށް، މަސްއޫލިއްޔަތުތަކުން ރެކުމަކީ ވަޒީފާގެ އަމާނާތަށް ވެވޭ ޚިޔާނާތެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، ތިމާވެއްޓާއި ދިރޭތަކެއްޗަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރަންޖެހޭ އަމާނާތެއްކަމަށްވާއިރު، އިސްރާފުކުރުމުން ދުރުހެލިވެ ތިމާވެއްޓަށް ގެއްލުން ނުދިނުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. އަމާނާތްތެރިވުމަކީ ފުރިހަމަ މުއުމިނެއްގެ ސިފައެއްކަމަށާއި، އެއީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރުދައުސު ލިބުމުގެ މަގެއްކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވާކަން ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބަޔާންކޮށްދީފައެވެ. އުޑުތަކާއި ބިމާއި ފަރުބަދަތައް އުފުލުމަށް ބިރުވެތިވި މި ބޮޑު އަމާނާތާ އިންސާނާ ހަވާލުވެފައިވާއިރު، އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެއްކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

