
ރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް، ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އެކަމަނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި އިރުތިޝާމް، ޖައިޝަންކަރު އާއި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުފުޅުގައި އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ވެސް ބައިވެރިވެރިވެވަޑައިގަންނަވައެވެ.

