
ފޭރެން މަސައްކަތްކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ނަޑެއްލާ/ ލިލީގެ/އިބްރާހިމް ޝަޔާން (20އ)އެވެ.
އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝަޔާން ފޭރެން އުޅެނިކޮށް ހުއްޓުވަން އުޅުނު ފުލުހެއްގެ ގަޔަށް އަތްލަން މަސައްކަތްކޮށްފައެވެ.
އެހެންވެ އޭނާގެ މައްޗަށް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.
އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި އަދި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑް ހުށަހަޅާފައިވެއެވެ.

