
ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަންގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތުތަކާ ސްޓެލްކޯގެ މިހާރުގެ އެމްޑީ ޑރ. ޢަލީ އަޒުވަރު ހަވާލުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ހާމަކުރެއްވި ގޮތުގައި، ސ. ފޭދޫ ނެސްޕްރޯވިލާ، ޑރ. އަޒުވަރު ވަނީ ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމަށް ވެސް ހަމަޖައްސަވާފައެވެ. މި ބަދަލަކީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި އެއްކޮށްލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގެނައި މުހިންމު ބަދަލެއްކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްދާ މަރުޙަލާތައް ނިމުމުން، މުޅި ރާއްޖެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމެވެ.
ފެނަކައިގެ އެންމެ އިސްވެރިޔާގެ ގޮތުގައި ޑރ. އަޒުވަރު އައްޔަނުކުރެއްވުމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ އައު މެންބަރަކު އައްޔަނުކުރައްވާފައެވެ. އެގޮތުން، މާލެ، ހ. ހުދުރިޔާ، އިބްރާހީމް ނިޡާމް ފެނަކަ ބޯޑަށް ހަމަޖެއްސެވިކަން ޕީސީބީން ވަނީ އިއުލާނުކުރައްވާފައެވެ.

