
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ޕްރޮމޯޝަންތަކާއި ވަޒީފާގެ ކުރިއެރުންތަކުގެ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްޞަ ރިޕޯޓަށް ބިނާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި، ފެނަކައިގެ ޚިދުމަތްތައް ފުޅާވި ނިސްބަތާ ނުބައްދަލު މިންވަރަކަށް މުވައްޒަފުން ގިނަކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން 2021އިން ފެށިގެން 2024ގެ ނިޔަލަށް އެކަނި ވެސް 7،228 މީހުންނަށް އަލަށް ވަޒީފާ ދީފައިވާއިރު، އޭގެ ތެރޭގައި 4،557 ދާއިމީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން ނެގި 2،671 މީހުން ހިމެނެއެވެ. 2020ވަނަ އަހަރު ކުންފުނީގެ އާމްދަނީގެ 23 އިންސައްތަ މުސާރައަށް ހޭދަކުރިއިރު، 2023ވަނަ އަހަރު އެ އަދަދު ވަނީ 39 އިންސައްތައަށް އުފުލިފައެވެ. އަދި ސްޓެލްކޯއާ އަޅާބަލާއިރު ރަށެއްގެ ނިސްބަތުން ފެނަކައިގައި އެވްރެޖްކޮށް 4 މުވައްޒަފުން އިތުރަށް ތިބިކަން ވެސް ފާހަގަކޮށްފައިވެއެވެ.
މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި އަންގާފައި ވަނީ 2022 އަދި 2023ވަނަ އަހަރު އުސޫލުތަކާ ޚިލާފަށް މަގާމުގެ ކުރިއެރުން ދިން ފަރާތްތަކުގެ މައްސަލަތައް ފުލުހުންނާއި އޭސީސީ އަދި ތަހުގީގީ އިދާރާތައް މެދުވެރިކޮށް ބެލުމަށެވެ. މީގެ އިތުރުން، އިން-ހައުސްކޮށް އިންޖީނުގެތަކާއި އޮފީސްތައް އެޅުމުގައި މުސާރައާއި އިނާޔަތްތަކަށް ބޮޑެތި އިސްރާފުތަކެއް ކޮށްފައިވާކަން ފާހަގަކޮށް، އެކަމުގައި ޒިންމާވާ އިސްވެރިން މިހާރު ވަޒީފާގައި ނެތްކަމުގައި ވިޔަސް އެފަރާތްތަކާ މެދުވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި ތަހުގީގުތަކުގެ އެންމެފަހުގެ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ކޮމިޓީއަށް ހިއްސާކުރުމަށް ވެސް ވަނީ އަންގާފައެވެ.
މާލީ މަންފާ ނަހަމަ ގޮތުގައި ދޫކުރުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް، 2021އިން 2023އަށް އިން-ހައުސް މަޝްރޫއުތަކުގައި މަސައްކަތްކުރި ބައެއް ފަރާތްތަކަށް އިތުރަށް ދޫކޮށްފައިވާ 229،711 ރުފިޔާ އަނބުރާ ހޯދުމަށް ފެނަކައަށް ވަނީ އަންގާފައެވެ. އަދި ކުންފުނި “ރައިޓް-ސައިޒް” ކުރުމުގެ ގޮތުން، ހަގީގީ ބޭނުންތެރިކަން ވަޒަންކުރުމަށް ފަހު އާންމުކޮށް އިއުލާންކޮށްގެން މެނުވީ މީހުން ވަޒީފާއަށް ނުނެގޭނެ ގޮތަށް ގަވާއިދުތައް އިސްލާހުކުރުމަށް ވެސް ލަފާދީފައިވެއެވެ.

