
ފެނަކަ ކޯޕަރޭޝަނުން ތަޢާރަފުކުރި ޚާއްޞަ ޕެކޭޖުގެ ދަށުން، މާލީ އިނާޔަތްތަކާ އެކު މިހާތަނަށް އެ ކުންފުނީގެ 107 މުވައްޒަފަކު އަމިއްލަ އެދުމުގެ މަތިން ވަޒީފާއިން ވަކިވެފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ހަތަރު މަސްދުވަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާ ދޫކޮށްލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އަދި މި ސްކީމްގެ ދަށުން ވަކިވި ހުރިހާ ފަރާތްތަކަށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއްވެސް އުނިއިތުރެއް ނެތި ކުންފުނީގެ ބަޖެޓުގެ ތެރެއިން ފައިސާ ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ފައިސާ ނުލިބޭކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
8000 ވުރެ ގިނަ މުވައްޒަފުން މިވަގުތު ތިބި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން މީގެ ކުރިން ވިދާޅުވެފައި ވަނީ، މުވައްޒަފުން މަދުކުރަން ޖެހުނީ ކުންފުންޏަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު މުސާރައަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. އަދި ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ރަށްރަށުގައި، އެއްވެސް މަސައްކަތެއް ނުކޮށް މުވައްޒަފުން ތިބެންޖެހުމަކީ ކުންފުންޏަށް އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އަންގާފައެވެ. ފެނަކައިން ވަޒީފާ ދޫކޮށްލި މުވައްޒަފުންނަށް، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ އެހީގައި އަމިއްލަ ވިޔަފާރިތައް ފެށުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވެސް ކުންފުނީގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.

