
ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ފުރިހަމަނުކޮށް ހަވާލުކުރުމުގެ ސަބަބުން އާންމުން އުފުލަންޖެހޭ މާލީ ބުރަ ތަހައްމަލުކުރަން ނުޖެހޭނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށް 2 އަހަރު ދުވަހުގެ މުއްދަތަށް ކުލި މާފުކޮށްދިނުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
މި ކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަންތަނުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށް ލޯނެއް ހޯދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން ނިންމީ ފިނިޝިންގ މަސައްކަތްތައް ނުނިންމައި ވެރިފަރާތްތަކާ ތަން ހަވާލުކުރުމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އާއިލާއަކުން އަމިއްލަ ޖީބުން ނުވަތަ ބޭންކުތަކުން ލޯނު ނަގައިގެން ގާތްގަނޑަކަށް ދެލައްކަ ރުފިޔާ ހަރަދުކުރަން މަޖުބޫރުވިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ސަރުކާރުން ހިންގާ މަޝްރޫއެއްގެ ފުރިހަމަނުވާ ބައިތަކުގެ ޒިންމާ ރައްޔިތުން ނަގާކަށް ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ދިން ލުޔަކީ ކުލި ކުޑަކުރުން ނޫންކަމަށާއި، އެއީ އާންމުން އަމިއްލައަށް ކުރި ހޭދަ އަނބުރާ ދިނުމުގެ ގޮތުން، ދައުލަތަށް އެއްފަހަރާ އެ ފައިސާ ދެވެން ނެތުމުން ދެލައްކަ ރުފިޔާ ހަމަވަންދެން ކުލިން ކަނޑައިދިން ކަނޑައިދިނުމެއްކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ހިޔާ ފުލެޓުތަކުގެ ކުއްޔަކީ 5,300ރުފިޔާކަމަށް ކަނޑައެޅި ނަމަވެސް، ކުރީ ސަރުކާރުން އެ އަދަދު 7,500ރުފިޔާއަށް ބޮޑުކޮށް، މެއިންޓަނަންސް ފީއަށް އިތުރު 1,000ރުފިޔާ ނަގަން ފެށިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އަޅަމުންދާ ފުލެޓުތަކުގެ އަގުތައް ހަމަޖައްސާފައިވަނީ، އެ މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނެ މިންވަރާއި ސަބްސިޑީއަށް ބިނާކޮށްކަންވެސް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

