
ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޤާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާގައި ސައިކަލުން ޖައްސާފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން މި ކަން ކުއްވެރިކޮށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށާއި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ހޯދަމުންދާ ކަމަށެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަޤުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާދިސާ ހިނގާފައި ވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެންނެވެ. މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާ އެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ވަނީ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާފައެވެ.
ހަމައެއާ އެކު، ފުލުހުން މިހާރު ފަށާފައިވާ މި ޚާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ. މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް، ޤާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

