
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ “ޕޮލިސް ފެމިލީ ނައިޓް”އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ 08:30ގައި ފަށާ އެ ފެމިލީ ނައިޓަކީ، ސަގާފީ ނެށުންތަކާއި، ބޮޑުބެރުގެ އިތުރުން ތަފާތު މުނިފޫހިފިލުވުމުގެ އައިޓަމްތައް ހިމެނޭ ފޯރިގަދަ ރެޔަކަށް ވެގެންދާނެކަމަށް ފުލުހުން ބުންޏެވެ.
އަދި ދާދި ފަހުން އީދު ހަރަކާތްތަކުގެ ތެރެއިން މަޝްހޫރުވި ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ވެސް އެ ރޭ ފެނިގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު “ހަބޭސް ބޮޑުބެރު ގްރޫޕް”އަދި “އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބޮޑުބެރު ގްރޫޕް”ގެ ހިތްގައިމު އަދި ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ހާއްސަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް މި ސްޓޭޖުން ފެނިގެންދާނެކަމަށް ފުލުހުން ބުންޏެވެ.
އެ ފެމިލީ ނައިޓަކީ ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ހަރަކާތެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ހެނދުނު 6:00ގައި “އެކުވެރިކަމުގެ ހިނގާލުން”ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު 4:00އިން 6:00އަށް އާންމުކޮށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

