
ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންނަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، އެ މީހުންނަށް ލިބޭ މަޤާމާއި މެޑަލްތަކުގެ ބަދަލުގައި، ރައްޔިތުންގެ ފަރާތުން ލިބޭ ފުރިހަމަ އިތުބާރާއި ޔަޤީންކަން ކަމުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
42ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި ފުލުހުން ވާންޖެހޭނީ އާންމުންނާ އެންމެ ގާތުން މަސައްކަތްކުރާ، އަދި ރައްޔިތުންނަށް އެކަން އިޙުސާސްކުރެވޭ ފަދަ ބަޔަކަށެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި، އެއީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު އަދާކުރަންޖެހޭ ޤައުމީ ބޮޑު ވާޖިބެއްކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ. ފުލުހުން ނެތް މާޙައުލެއްގައި އޮންނާނީ ބިރުވެރިކަން ކަމަށާއި، އެހެންކަމުން ކޮންމެ ކަމެއްގައި ވެސް ފުލުހުންނަކީ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.
ފުލުހުންގެ ސަފުތަކަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަކީ އަޒުމް ބަލިކަށިކޮށްލާނެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ، ސީޕީ ވަނީ އެފަދަ ހާލަތްތަކަކީ ހިތްވަރު އާލާކުރުމަށް ލިބޭ އިމްތިޙާނެއްކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ އަގު ހިފެހެއްޓުމަކީ ދީނީ ގޮތުންނާއި ޤައުމީ ގޮތުން ކޮންމެ އޮފިސަރެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއަކަށް ވާއިރު، އެ އަމާނާތަށް ޚިޔާނާތްތެރި ނުވުމަށް އެ މަނިކުފާނު ވަނީ ދަސްވެނިވި އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ޒަމާނާ އެކު ކުށްކުރާ ގޮތްތަކަށް އަންނަމުންދާ ބަދަލުތަކަށް ސަމާލުކަންދެއްވައި، ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަމްރީނުތަކުގެ ފެންވަރު މަތިކުރުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން، ފުލުހުންގެ އަސާސީ ތަމްރީނުތައް މިހާރަށްވުރެ ޒަމާނީކޮށް، ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އައު މަންހަޖެއް އެކުލަވާލުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކުރިއަށް އޮތް 43ވަނަ ޕޮލިސް ޓްރެއިނިންގ ކޯހުގައި މި އައު ބަދަލުތައް ތަންފީޒުކުރެވެމުންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

