
އަންނަ އަހަރުން ފެށިގެން ކުއްލި ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދިނުމަށް ޑްރޯން ބޭނުންކުރަން ފަށާނެކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާންކުރައްވައިފިއެވެ.
ފުލުހުންގެ މުއައްސަސާއަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، “ޑްރޯން އޭޒް ފަރސްޓް ރެސްޕޮންޑަރ”ގެ ނަމުގައި ފަށާ މި އައު ޚިދުމަތާ އެކު، މައްސަލައެއް ރިޕޯޓުކުރެވޭ ހިސާބުން ވަގުތުން އެ ސަރަޙައްދަކަށް ޑްރޯން ފޮނުވޭނެ ކަމަށެވެ. އަދި މި ޑްރޯންތަކުން ނަގާ މަންޒަރުތައް، އޮޕަރޭޝަންސް ސެންޓަރަށާއި ހާދިސާ ހިނގި ތަނަށް ދާ ފުލުހުންނަށް ވަގުތުން ފެންނަން ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ، ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ނުވަތަ ކަނޑުމަގުން ދަތުރުކުރަންޖެހުމުގެ ސަބަބުން ފުލުހުންނަށް އެތަނަކަށް ދިއުމަށް ހޭދަވާ ވަގުތު ލަސްވިނަމަވެސް، ހާދިސާ ހިނގާފައިވާ ސަރަޙައްދުގެ ޙާލަތު ވަރަށް އަވަހަށް ދެނެގަނެވި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، ފުލުހުންގެ މަޢުލޫމާތު ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށްޓަކައި ޒަމާނީ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް ވަޒީރު އިޙްސާން ހާމަކުރެއްވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެހީއަށް އެދި ގުޅާ ފަރާތް ހުރި ސީދާ ލޮކޭޝަން ދެނެގަތުމާއި، އެ ސަރަޙައްދެއްގައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެހެން ނިޒާމުތައް އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައެވެ. މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް، އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

