
ސަރުކާރަށާއި ރައްޔިތުންނަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމުގެ ޢާއިލާއަށާއި މުޅި ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި ޕޯސްޓެއްގައި، ފާރޫޤް އަޙްމަދަކީ ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ އިތުރުން ސަރުކާރުގެ ތަފާތު އެކި އިދާރީ އިސް މަޤާމުތަކެއް ފުރުއްވައި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެ މަރުޙޫމްގެ ވަކިވެދިއުމަކީ ޤައުމަށް ލިބުނު ފުން ހިތާމައެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ،… pic.twitter.com/Rp8uAEbQGr
— Dr Mohamed Muizzu (@MMuizzu) May 18, 2026
އިދާރީ ހިންގުމުގެ ދާއިރާގެ އިތުރުން، މަރުޙޫމް ފާރޫޤަކީ ދިވެހިރާއްޖޭގެ ތާރީޚީ ފަތްފުށްތަކަށާއި އަދަބިއްޔާތަށްވެސް ގިނަގުނަ މަންފާތަކެއް ހޯއްދަވައިދެއްވި ތަޖުރިބާކާރު އަދި ޚިދުމަތްތެރި ޝަޚުޞިއްޔަތެއްކަން ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމް ފާރޫޤް އަޙްމަދުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި މާތްﷲގެ ތަނަވަސް ރަޙުމަތް މިންވަރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާލިޞް ދުޢާކުރައްވާފައެވެ.

