
ޑޮލަރު މާރުކުރުމުގެ ހިދުމަތް ދޭ އެންމެ ބޮޑު އެއް މަނީ އެކްސްޗޭންޖް ކުންފުނި ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
އެމްއެމްއޭއިން ބުނީ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން 500,000 ރުފިޔާއިން ޖޫރިމަނާކޮށް އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިން ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށް އެމްއެމްއޭއިން ބުނީ އެ ގަވައިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ގެންދާނެ
ކަމަށެވެ.
ބޮޑު އަގުގައި ޑޮލަރު ވިއްކާ މީހުން ހޯދަން ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެގޮތުން މި މަހުގެ 12ވަނަ ދުވަހު ވެސް ފުލުހުން ބޮޑު އޮޕަރޭޝަންއެއް ހިންގައި ހުއްދަ ނެތި ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ތިން ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.

