
ފުރޮޅުލީ ގޮނޑީގައި މިސްކިތަށް ނުވެއްދުމުން އެކަމުގެ ޝަކުވާ ރައީސަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކިން ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި މީހަކު ރައީސްއަށް ޝަކުވާ ހުށަހަޅަމުން ބުނީ އޭނާއަށް މިސްކިތްތަކުން ދޮރު ބަންދުކުރި ފަހުން މިސްކިތްތަކަށް ނުދާ ކަމަށެވެ. އަދި މިހާރު ނަމާދު ކުރަނީ ގޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
“އަޅުގަނޑު މިދަނީ ވީލް ޗެއާގައި ޑިވައިސްއެއް ހަރުކޮށްގެން ގޮސް ވަންނަން ދިޔައިމަ މި ބުނަނީ ނުވަދެވޭނެޔޭ” އޭނާ ބުންޏެވެ.
އޭނާގެ ޝަކުވާ އައްސަވައި ރައީސް ވިދާޅުވީ އެކަމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅުއްވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަންތަނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭގޮތަށް ހަދަން މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

