
ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން”ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިއަދު ފިނޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް އަލީއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް ހިދުމަތް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، އެ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025އޯގަސްޓް 28ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ފިނޭގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދެވި، ފިނޭގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

