
ފިހާރައެއްގެ ދޮރު ހަލާކުކޮށް، އެ ތަނަށް ވަދެ ވައްކަންކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދު އަމުރު ވަކިވަކިން ނެރެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަތަމާގެ، ށ. ޅައިމަގު، ފާރިސް އަލީ ޝަރީފް (35އ.) އާއި ދިގުވާޑު، ފެއަރީ، ޏ. ފުވައްމުލައް، އަހުމަދު ނަސްރު (46އ.)އެވެ.
ކޯޓުން ނެރުނު އެ ދެ އަމުރުން ވެސް އެނގުނު ގޮތުގައި އެ ދެ މީހުން ފިހާރައިގެ ދޮރު ހަލާކުކޮށް އެ ތަނުގެ ތެރެއަށް ވަދެ، އެ ތަނުން ބައެއް ސާމާނު ހިފައިގެން ގެންދާ މަންޒަރު ފެންނަ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.
އެ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އިރު، އަމުރުގައިވާ ގޮތުގައި އެ ދެ މީހުންނަކީ ވެސް ހައްޔަރުކުރުމާއި ބަންދުކުރުމުގެ ރެކޯޑު އޮތް ދެ މީހެކެވެ.

