
ޑެންގީ ހުމާއި، އިންފްލުއެންޒާ އަދި ބޭރަށްހިންގުން ފަދަ ބަލިތައް ފާއިތުވި ޖޫން މަހުގެ ތެރޭގައި ވަރަށް ބޮޑަށް މަދުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން، މެއި މަހާ އަޅައިބަލާއިރު ޖޫން މަހު ޑެންގީގެ ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މެއި މަހު 794 މީހަކަށް ޑެންގީ ޖެހިފައިވާއިރު، ޖޫން މަހު މި އަދަދު ހުރީ 652 ގައެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރުގެ މެއި މަހު ރިޕޯޓުކުރި 179 ކޭހާއި ޖޫން މަހުގެ 168 ކޭހާ އަޅައިބަލާއިރު ނިސްބަތުން މަތީ އަދަދެކެވެ.
މީގެ އިތުރުން، އިންފްލުއެންޒާ އަދި އާންމު ރޯގާގެ ހާލަތަށް ބަލާއިރު ވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ޖޫން މަހު އިންފްލުއެންޒާއަށް ޓެސްޓުކުރި 451 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 142 މީހުންނެވެ. އެހެންނަމަވެސް މެއި މަހު ޓެސްޓުކުރި 1،035 މީހުންގެ ތެރެއިން 681 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓުކުރި 2،694 މީހުންގެ ތެރެއިން 999 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އާންމު ރޯގާ ޖެހިގެން މެއި މަހު 40،457 ކޭސް ރިޕޯޓުކުރިއިރު، ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 34،877 ކޭހެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުގެ 39،317 އަދި ޖޫން މަހުގެ 33،156 ކޭހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
ހަމައެއާ އެކު، ބޭރަށްހިންގުމުގެ ބަލިމަޑުކަން ވެސް ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވިފައެވެ. މެއި މަހު 4،726 މީހަކަށް ބޭރަށްހިންގުމުގެ މައްސަލަތައް ދިމާވި ނަމަވެސް، ޖޫން މަހު މި އަދަދު ވަނީ 4،442 އަށް ތިރިވެފައެވެ. މިދިޔަ އަހަރުގެ މެއި މަހު ބޭރަށްހިންގުމުގެ 4،494 ކޭސް އަދި ޖޫން މަހު 3،950 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ބަލިތައް މަދުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ބޭރަށްހިންގުމާ އެކު މާބޮޑަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، ހޮޑުލެވުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، ނަޖިހުގައި ލޭ ހުރުން ނުވަތަ ބަނޑުގައި ގަދަޔަށް ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އެދިފައެވެ. އަދި ބަލިވެ އުޅޭނަމަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އިދާރާއިން ނަސޭހަތްތެރިވެއެވެ.

