
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ގޮތުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މިފްކޯއަށް މަސްކިރުވި 20 އުޅަނދަކަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ޖަމާކޮށްދީފިއެވެ.
ދައުލަތުގެ މަސް ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އުޅަނދުތަކަށް ޖުމްލަ 315،576 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ވިއްކި 17 ދޯންޏަކަށް ދިން 179،536 ރުފިޔާއާއި، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 13 އުޅަނދަކަށް ޖަމާކުރި 30،840 ރުފިޔާގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ވިއްކި 13 ދޯންޏަކަށް ދިން 105،200 ރުފިޔާއެވެ.
މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް 48 ގަޑިއިރުގެ ތެރޭގައި އުޖޫރަ ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ހަވާލުކުރަމުންނެވެ. މިފްކޯއިން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އަށް މަރުކަޒަކުން އަންނަނީ މަސް ގަންނަމުންނެވެ. އޭގެ ތެރޭގައި ކޫއްޑޫ، ފެލިވަރު، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހުޅުމާލޭގެ އިތުރުން ގދ. ތިނަދޫ އަދި ފަރެސްމާތޮޑާއާއި ހއ. އިހަވަންދޫ ހިމެނެއެވެ.
އެ ކުންފުނިން ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށް ގަންނަމުންދާއިރު، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާގެ މަގުންނެވެ.

