
ނިމިދިޔަ ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން އަތުލާފައިވާ ފަސް ލައްކައެއްހާ ރުފިޔާގެ ތެރެއިން 43 އިންސައްތަ ނުވަތަ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އެކި ބާވަތުގެ 41 ސްކޭމް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި އާންމުންނަށް ލިބުނު މާލީ ގެއްލުމުގެ ޖުމުލަ އަދަދު 496،383.50 ރުފިޔާއަށް އަރައެވެ. ނަމަވެސް، މައްސަލަތައް އަވަހަށް ރިޕޯޓުކުރުމުގެ ސަބަބުން މީގެ ތެރެއިން 211،684.50 ރުފިޔާ ފުލުހުންގެ މަސައްކަތުން ވަނީ އަނބުރާ ހޯދިފައެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހިންގާފައި ވަނީ އިންޓަނެޓް މެދުވެރިކޮށް މުދާ ގަނެވިއްކުމުގެ ނަމުގައި ހިންގާފައިވާ އީ-ކޮމާސް ސްކޭމްތަކެވެ. މިގޮތުން އެފަދަ 21 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނުވަ މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ތިން މައްސަލައެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ދައްކައިގެންނާއި، ފިޝިންގ އަދި ވިޝިންގ މެދުވެރިކޮށް ވެސް މީހުންގެ އަތުން ފައިސާ ފޭރިފައިވެއެވެ. މިފަދަ ކުށްތައް ކުރުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައި ވަނީ އައިބޭ، ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ވައިބަރ އާއި ވަޓްސްއެޕް ފަދަ މުވާސަލާތީ އެޕްލިކޭޝަންތަކާއި ނުދަންނަ ލިންކުތަކެވެ.
އޮންލައިންކޮށް މުއާމަލާތްކުރާއިރު މުދާ ލިބުމުގެ ކުރިން ފައިސާ ޖަމާނުކުރުމަށާއި، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ގުޅާ ފަރާތްތަކަށް އޯޓީޕީ އާއި ޕިން ކޯޑު ފަދަ ސިއްރު މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ވީއެންމެ އަވަހަކަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

