
ފަލަސްޠީނުގެ ރެފިއުޖީންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖެއިން މި އަހަރު ވެސް 50،000 އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ “އަންރުވާ ޕްލެޖިންގް ކޮންފަރެންސް” ގައި، މިކަން އިޢުލާނުކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ. ފަލަސްޠީނަށް އެހީވުމަށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކު 5،000 ޑޮލަރު އަންރުވާއަށް ދެމުން އައި ނަމަވެސް، ދިވެހި ސަރުކާރުން ވަނީ 2024ވަނަ އަހަރުން ފެށިގެން މި އެހީގެ މިންވަރު 50،000 ޑޮލަރަށް އިތުރުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޢަލީ ނަސީރު ވަނީ، މިއީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި ބައިނަލްއަޤުވާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމު ނެގެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ނިންމުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އަންރުވާއަށް އަމާޒުކޮށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް ރައްދުދެއްވައި، އެ އިދާރާގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
1948ވަނަ އަހަރު އދ. އިން ފާސްކުރި ޚާއްޞަ ޤަރާރެއްގެ ދަށުން އުފެދިފައިވާ އަންރުވާއަކީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާއެވެ. ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމެއް ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމާއި އެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ރާއްޖެއިން އަބަދުވެސް ދަނީ ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

