
ފަނަރަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ނޫސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން މިއަދު ދޫކޮށްލައިފިއެވެ.
ޝަހުޒާން ޖަލަށް ލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފު ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ ކްރިމިނަލް ކޯޓުންނެވެ. މި މައްސަލައިގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ކްރިމިނަލް ކޯޓުން ޖަލަށް ލާފައިވެއެވެ.
ޝަހުޒާން ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ނިންމާފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެންނެވެ. އަދި ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުންއެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުންނެވެ.
މި މައްސަލައިގައި އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މި މަހުގެ 12ވަނަ ދުވަހުގައެވެ. އެ ދުވަހު އެ ދެ ނޫސްވެރިންނަށް ވަކީލަކު އައްޔަނުކުރުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރެވެ. ހަމަ އެދުވަހު ވަނީ އެ ދެ ނޫސްވެރިން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. ލީވާން ގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ލީވާން 10ދުވަހަށް ޖަލަށް ލުމުގެ އިތުރުން 26,800ރ އިން ޖޫރިމަނާކުރުމަށެވެ. އަދި ޝަހުޒާން 15ދުވަހަށް ޖަލަށް ލުމުގެ އިތުރުން 25،800ރ އިން ޖޫރިމަނާކުރުމަށެވެ.
މި ދެ ހުކުމް އިސްތިއުނާފްކޮށްފައިވަނީ ވަކިވަކިންނެވެ. އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. ކޯޓުގައި މި ދެ މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހުގައެވެ.
މި ހުކުމް ތަންފީޒުކުރުމަށްފަހު ޝަހުޒާން މިއަދު މިނިވަންވެފައިވާއިރު ލީވާން މިނިވަންވީ މި މަހުގެ 22ވަނަ ދުވަހުގައެވެ.

