
2026 އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގައި، ފަހަތުން އައި ކާރު ދިޔައީ އެކްސިޑެންޓުގައި ނިޔާވި ކުއްޖާ ގައިމަތިން ކަމަށް ބެލެވޭ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފައެވެ. އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށާއި އަދި މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 1ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވ ކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ.

