
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 13ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމުގެ ދޮރު މިއަދު ހުޅުވާލައިފިއެވެ.
“ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީއިން ދަ މޯލްޑިވްސް”ގެ ނަމުގައި މިއަހަރު ކުރިއަށްގެންދާ މި ޚާއްޞަ ބައްދަލުވުމުގައި، ދައުލަތުގެ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، ބޮޑެތި އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި ބޭނުންވާ ދެމެހެއްޓެނިވި ރައުސްމާލު ދިގު މުއްދަތަކަށް ހޯދޭނެ މަގުތައް ހޯދުމެވެ.
މޫސުމަށް އަންނަމުންދާ ނުރައްކާތެރި ބަދަލުތަކަކީ މިހާރު މުޅި މާލީ ނިޒާމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ބަލައިގަނެއެވެ. މި ސަބަބަށްޓަކައި، ދިގު މުއްދަތުގެ ފަންޑުތައް ހޯދުމުގައި ގެންގުޅޭ މިންގަނޑުތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެހެންކަމުން، މި ބައްދަލުވުމުގައި ރާއްޖޭގައި އިތުބާރުކުރެވޭ ފަދަ ފެހި މާލީ ބާޒާރެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އިޔާދަކުރަނިވި ހަކަތައާއި ނޫ އިޤުތިޞާދުގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ އައު ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން އަބަދުވެސް އަންނަނީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އޮފީހުން ބުނާގޮތުގައި ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރެވެން އޮތީ، ޤައުމުގެ އިޤުތިޞާދީ ސިޔާސަތުތަކަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަކަށް ވެގެންނެވެ. މިއަހަރުގެ ފޯރަމަކީ ވެސް ރާއްޖެއަށް ހުޅުވިފައިވާ ފެހި މާލީ ފުރުޞަތުތައް ދެނެގަނެ، ދާއިރާގެ އިސް ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް އަގުހުރި މަންސައެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

