
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓުގައި 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރި ޑީއެޗްސީ-8-300 ޑޭޝް -8 ގެ މަރުކާގެ ބޯޓު ޚިދުމަތުން ދުރުވެ ފުރައިފި އެވެ.
މޯލްޑިވިއަންއިން ބުނީ މި ބޯޓަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައްޔިތުން ގުޅުވާލަދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބޯޓެކެވެ. އެގޮތުން، މޯލްޑިވިއަންގެ ފްލީޓުގައި ހޭދަކުރި 14 އަހަރުގެ ތެރޭގައި 29،000 އަށްވުރެ ގިނަ ފްލައިޓް ގަޑިއިރު އަދި 37،000 އަށްވުރެ ގިނަ ސައިކަލް (ފްލައިޓް ދަތުރު) މި ބޯޓު ވަނީ ފުރިހަމަކޮށްފަ އެވެ.
ކެނެޑާއަށް ކުރާ ތާރީހީ ފަހު ދަތުރު
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އާރް.އެފް.ޕީ އަކަށްފަހު، މި ބޯޓު މިހާރު ވަނީ އޭގެ އަސްލު އުފެއްދި ކުންފުނި ކަމަށްވާ ކެނެޑާގެ ‘ޑި ހަވިލޭންޑް ކެނެޑާ’ އަށް އެނބުރި ދިއުމަށް ވަނީ ކެނެޑާއަށް ފުރާފައެވެ. މިއީ މި ބޯޓު އުފެއްދިތާ 26 އަހަރު ފަހުން، އޭގެ އުފަން ބިމަށް އެނބުރިދާ ތާރީޚީ ދަތުރެކެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި، ޑޭޝް-8 މަރުކާގެ ބޯޓުތައް ފްލީޓުން މަދުކުރަމުން ދަނީ އެ ކުންފުނީގެ ފްލީޓު ޒަމާނީކޮށް އާކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ.
އާ ބޯޓުތައް: ޑޭޝް-8 ގެ ބަދަލުގައި ދެން ބޭނުންކުރަމުން ދާނީ އޭޓީއާރް މަރުކާގެ އާ ޖީލުގެ ބޯޓުތަކެވެ. އެ ކުންފުނިން ފާހަގަކުރާ ގޮތުގައި އޭޓީއާރް ބޯޓުތަކަކީ ދަތުރުވެރިންނަށް އިތުރަށް ހިތްފަސޭހަ، ތިމާވެއްޓާ ރައްޓެހި ޚަރަދު ކުޑަ އަދި އިތުބާރު ހިފޭ ޒަމާނީ ބޯޓުތަކެކެވެ.

