
މޭރީ މަރާލުމުގައި އެހީތެރިވެދިންކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، ހަލީމަތު ލަމްހާ އަބްދުއްރަހްމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ކޯޓުން މިއަދު ނިންމާފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވެފައި ވަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ. މީގެ އިތުރުން، ހުއްދަ ނެތި މުދަލެއް ބޭނުންކުރުމާއި، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް އެނޫން ގޮތަކަށް ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދަންޖެހިގެން މަރުވިކަމަށް ދައްކައިގެން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ތަހުގީގަށް ފެނުނު ކަންތައްތަކަށް ބިނާކޮށް އެ އަހަރުގެ އޮކްޓޯބަރު 27ގައި މާވިން، އަދި ޑިސެމްބަރު 16ގައި ލަމްހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ދެމީހުން ގުޅިގެން މޭރީ މަރާލާފައި ވަނީ އެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުމަށް ހުރަސްއެޅޭތީކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ލަމްހާއާ ދެކޮޅަށް ދައުލަތުން ވަނީ ސަތޭކައަށްވުރެ ގިނަ ހެކި ކޯޓަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި 74 މީހެއްގެ ހެކިބަހުގެ އިތުރުން، ހަމައެކަނި އައިޖީއެމްއެޗްގައި ބޭނުންކުރުމަށް ޚާއްސަކޮށްފައިވާ ބާރުގަދަ އިންޖެކްޝަންތަކަކާއި ބޭސްތަކެއް ލަމްހާ ދިރިއުޅޭ ކޮޓަރިން ފެނިފައިވުން ދައުލަތުން ވަނީ ބާރުގަދަ ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. ލަމްހާގެ ދިފާއުގައި 11 މީހެއްގެ ނަން ހުށަހެޅިއިރު، އޭގެ ތެރޭގައި ހޮސްޕިޓަލްގެ ކުރީގެ އިސް ވެރިންނާއި ބައެއް ޑޮކްޓަރުން ވެސް ހިމެނެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނީ ލަމްހާއަށް ވެސް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. ނަމަވެސް، އުމުރުން 58 އަހަރުވެފައިވާ މަންމައަކު އެކަނި ބަލަހައްޓަން ޖެހޭކަމަށް ބުނެ، ގޭބަންދުގެ ހުކުމަކަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދީ، އަދަބު ލުއިކޮށްދިނުމަށް ލަމްހާގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ. އެހެންނަމަވެސް ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ކޯޓުން މިއަދު ނިންމީ އޭނާ 15 އަހަރަށް ޖަލަށްލުމަށެވެ.

