
ދައުލަތުގެ އައު ޕޭ ފްރޭމްވަރކްގެ ދަށުން މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން، ވިހެއުމުގެ ޗުއްޓީ ނުވަތަ އެނޫންވެސް ދިގު ޗުއްޓީއެއް ނެގުމުގެ ސަބަބުން ވަޒީފާގެ ކުރިއެރުން ލަސްވާ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނުން މިއަދު މުސާރައިގެ ކުރިއެރުން ދިނުމުގެ އުޞޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މިގޮތުން އަލަށް ގެނެވުނު އިޞްލާޙުގެ ދަށުން، ވަޒީފާގެ އެއް ރޭންކެއްގައި ވިދިވިދިގެން ދެ އަހަރު ދުވަހު ޚިދުމަތްކޮށް، އަހަރަކު މަދުވެގެން 90 ދުވަހު މަސައްކަތަށް ނުކުމެ، ޕާފޯމަންސް އެޕްރައިޒަލް (ޕީއޭ)އިން 85 އިންސައްތައަށްވުރެ މަތިން ނަތީޖާ ހާސިލުކުރާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނެއެވެ. ނަމަވެސް، ވިހެއުމުގެ ޗުއްޓީ، ސަސްޕެންޝަން، ނުވަތަ އެނޫން ވެސް މުޤުބޫލު އުޒުރަކާ ހުރެ 90 ދުވަހުގެ މުއްދަތު ހަމަނުކުރެވޭ ނަމަ، އެ އަހަރެއް އުނިކުރުމަށް ފަހު، އޭގެ ކުރީ އަހަރާއި ޖެހިގެން އަންނަ އަހަރުގެ ނަތީޖާއަށް ބިނާކޮށް ކުރިއެރުން ދިނުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މުސާރައިގެ ކުރިއެރުން ހޯދުމަށް އެއްފަހަރު ބޭނުންކުރާ ޕީއޭގެ ނަތީޖާ ދެވަނަ ފަހަރަކަށް ބޭނުމެއް ނުކުރެވޭނެކަން ވަނީ ސާފުކޮށްދީފައެވެ.
އަހަރުގެ މެދުތެރެއިން އެހެން އިދާރާއަކަށް ވަޒީފާ ބަދަލުވާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ވެސް މި އުޞޫލުގައި ވަނީ ތަފްޞީލުކޮށްފައެވެ. އެގޮތުން، ދެ އޮފީހުގައި މަސައްކަތްކުރި ދުވަހުގެ ޖުމްލަ 90އަށް އަރައި، އަދި ދެ ތަނުން ލިބުނު ޕީއޭގެ އެވްރެޖް 85 އިންސައްތައިގައި ހުރިނަމަ ކުރިއެރުން ލިބޭނެއެވެ. އަދި އެއް އޮފީހުގައި 30 ދުވަސް ނުވުމުގެ ސަބަބުން ޕީއޭ ނުހެދުނު ކަމުގައިވިޔަސް، އަނެއް އޮފީހުން 85 އިންސައްތަ ހާސިލުކޮށްފައިވާނަމަ އެ ނަތީޖާ ބަލައިގަންނާނެއެވެ.
މަޤާމުގެ އެލަވަންސްތަކާއި މުސާރައިގެ ކުރިއެރުން ދިނުމުގައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 88 އަދި 89ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ވެސް މި އުޞޫލުގައި އިތުރަށް އަންގާފައިވެއެވެ.

