
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއާ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޖުތިމާޢީ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ “އައިވާން-އެ-ސަދްރު”އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތުމުން، ހޫނު މަރުޙަބާއެއް ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ފަސްޓް ލޭޑީއެވެ. މި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީއާ އެކު ވަކިވަކިން ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ.
މެޑަމް ސާޖިދާއާއި ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ އަސީފާއާ ދެމެދު ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ތަޢުލީމީ ދާއިރާގެ މައްޗަށެވެ. އެގޮތުން، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި އަންހެނުންގެ ޞިއްޙަތު ކުރިއެރުވުމަށް އަސީފާ ކުރައްވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ އެކަމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ ފާހަގަކުރައްވައި އެކަމަށް ވެސް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމުގެ މުހިންމުކަމާމެދު ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި އަންހެނުންނަށް އިސް ސަފުން ޖާގަ ހޯދައިދިނުމަށް ވަކާލާތުކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެ ޤައުމުން ވެސް އެއްބާރުލުން ދީގެން އަމާޒުތަކަށް ވާސިލުވުމުގެ ޔަޤީންކަން އާކުރައްވަމުންނެވެ.

