
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި އިއްޔެގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި އުމުރުން 22 އަހަރުގެ ދިވެހި ދަރިވަރު، އާމިނާ އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައި ރައީސް ވަނީ، ޒުވާން ފުރާނައެއް ވަކިވެދިޔުމުގެ މި ފުން ހިތާމައިގައި އާއިލާއާ އެކު ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފައެވެ. އަދި މަރުޙޫމާގެ ފުރާނައަށް މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ، އިމީލީ އާއި އިތުރު ދިވެހި އަންހެން ދަރިވަރަކު މެލޭޝިއާގައި “ގްރެބް” ޓެކްސީއެއްގައި ދަތުރުކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އިމީލީގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. ނަމަވެސް އޭނާއާ އެކު ދަތުރުކުރި އަނެއް ދަރިވަރަށް މާބޮޑު އަނިޔާތަކެއް ލިބިފައި ނުވާތީ އެ ކުއްޖާގެ ހާލު ސީރިއަސް ނޫންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

