
ރާއްޖެއާއި ސަރަޙައްދުގެ އިތުރު ތިން ޤައުމެއްގެ ކަސްޓަމްސް އިދާރާ ގުޅިގެން އުޅަނދުތައް ބަނދަރުކުރުމުގެ ކުރިން މަޢުލޫމާތު ޙިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީ ގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14ވަނަ ބައްދަލުވުމުގެ ތެރެއިން، އެކުލަވާލި މި އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ދިވެހިރާއްޖޭގެ އިތުރުން ނޭޕާލާއި، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ)އިން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރާ ބަސްނެޓްއެވެ.
އަލަށް ޤާއިމުކުރެވޭ ނިޒާމުގެ ތެރެއިން، މި ހަތަރު ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ މުދާ އުފުލާ އުޅަނދުތައް ބަނދަރަށް ގާތްކުރުމުގެ ކުރިން، އެ މުދަލަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ދުރާލާ ކަސްޓަމްސް އިދާރާތަކަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން ދޭދޭ ޤައުމުތަކުގެ މެދުގައި ހިނގާ އިމްޕޯޓް އަދި އެކްސްޕޯޓުގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، ބޯޑަރުން މުދާ ދޫކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިއީ ސަރަޙައްދީ ފެންވަރުގައި އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ދިމާވާ ލަސްތަކަށް ނިމުމެއް އައިސް، މުދާ އުފުލުމަށް ހިނގާ ޚަރަދުތައް ކުޑަވެގެންދާނެކަން އެ އިދާރާއިން ފާހަގަކުރެއެވެ. ހަމައެއާ އެކު، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރަޙައްދީ ވިޔަފާރިއަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެކަމަށް ބެލެވޭ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީ ގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14ވަނަ ބައްދަލުވުން ރާއްޖޭގައި ކުރިއަށްދަނީ މި މަހުގެ 19އިން 20ވަނަ ދުވަހުގެ ނިޔަލަށެވެ.

