
އިދިކޮޅު އެމްޑީޕީން ޢާންމުކޮށްފައިވާ މަޢުލޫމާތުތައް ދޮގުކުރައްވައި، މުދަލުގެ އަގު އުފުލެނީ އެމްޑީޕީ ސަރުކާރުން ޗާޕުކުރި 8 ބިލިއަން ރުފިޔާއާ ދަރަނީގެ ސަބަބުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިންސްޓަގްރާމް މެދުވެރިކުރައްވައި ވަޒީރު ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އޮގަސްޓު މަހުގެ 12ވަނަ ދުވަހު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންދާއިރު، އެކަމުގެ ބަހަނާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ތަކެތީގެ އަގުބޮޑުވެއްޖެކަމުގެ ދޮގު ވާހަކަތައް ކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުން މިފަދަ ވާހަކަތައް ފަތުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށްކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވަނީ އެހެން ޤައުމުތަކާ އަޅާކިޔާއިރު ރާއްޖޭގައި ތެލުގެ އަގު ހިފެހެއްޓިފައިވާ މިންވަރު ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން، ޕެޓްރޯލް ލީޓަރެއް ސިންގަޕޫރުގައި 40.09 ރުފިޔާއަށް ހުރިއިރު، އިންޑިއާގައި 18 ރުފިޔާއަށް އަދި ދުބާއީގައި 14 ރުފިޔާއަށް ހުރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑީސަލް ލީޓަރެއް ރާއްޖޭގައި 17.54 ރުފިޔާއަށް ލިބެން ހުރިއިރު، ސިންގަޕޫރުގައި އެ އަދަދު އުޅެނީ 41.63 ރުފިޔާގައިކަން އޭނާ ހާމަކުރެއްވިއެވެ.
ސަރުކާރުން އިޤުތިޞާދު ކޮޅަށްޖެހުމަށް މަސައްކަތްކުރަމުންދަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޗާޕުކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި އުފައްދާފައިވާ ބޮޑެތި ދަރަނިތަކާއެކުގައިކަން ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެމްޑީޕީން ނެރެފައިވާ ލިސްޓުގައި ހިމެނޭ ތުއްތު ކުދިންގެ ކިރާއި، ގެރިމަހުގެ އިތުރުން އޮލިވް އޮއިލް ފަދަ ބާވަތްތަކުގެ އަގުތައް ހުރީ މުޅިން ނުބައިކޮށްކަން ތަފާތު މިސާލުތަކާ އެކު އޭނާ ސާފުކޮށްދެއްވިއެވެ.
ސިޔާސީ ބޭނުމެއްގައި ޤައުމަށް ގެއްލުންދިނުމުގެ ނިޔަތުގައި އިދިކޮޅުން މިފަދަ މަޢުލޫމާތު ފަތުރަމުންދާއިރު، ސަރުކާރުން ގެންނަން އުޅޭ ތަރައްޤީގެ މަޝްރޫޢުތަކަށް އެ ފަރާތްތަކުން ހުރަސްއަޅާކަމަށް ވަޒީރު ވިދާޅުވިއެވެ. ބަންކަރިންގެ ޚިދުމަތާއި، ރެސިޑެންސީ ވިސާއާއި، ބޮޑެތި އިންވެސްޓްމަންޓްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ އިދިކޮޅު ފަރާތްތަކުން އެދޭކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން މަސައްކަތްކުރަމުންދަނީ އެކި ކަންކަމުގައި ދޮގު ވާހަކަތައް އުފައްދައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްކަމަށް ވަޒީރު ސަޢީދު ވަނީ ތުހުމަތުކުރައްވާފައެވެ.

