
ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗާއި އާންމު މުދަލުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔަ ނުދީ ކޮންޓްރޯލްކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީގުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ހުސްނުވެ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، މޭވާގެ ބާވަތްތައް ހިމެނޭހެން ތިރީހަށްވުރެ ގިނަ ބާވަތެއްގެ މުދަލުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ސީދާ ގޮތެއްގައި މަސައްކަތްކުރާނެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބުކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ރައްދުދެއްވަމުން، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ޑޮލަރުގެ ތާށިކަމުގެ އަސްލަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައްކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި، ބޭރުގެ މާލީ އިދާރާތަކުގެ ލަފަޔާއި އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށް ފަހު، މާލިއްޔަތު ގާނޫނު ހުއްޓުވައި ފައިސާ ޗާޕުކުރުމުގެ ނަތީޖާއަކީ މިއަދު ރައްޔިތުން އޭގެ ހިތިކަން ތަހައްމަލުކުރަންޖެހުން ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާއި އިގްތިސާދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަމަށް ވިދާޅުވެ، ވަޒީރު ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމާއި ޑޮލަރުގެ އަގު ގަދަކަމުން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެ ޕާޓީން މާޒީގައި ކޮށްފައިވާ ކަންކަމަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

