
ޤައުމުގެ މުސްތަޤުބަލު އާރާސްތުކުރުމުގައި މުދައްރިސުން އުފުލާ ބުރަ މަސްއޫލިއްޔަތު ފާހަގަކުރައްވައި، އެ ފަންނުގެ އިއްޒަތާއި ޝަރަފު ދެމެހެއްޓުމަށް މުޅި މުޖުތަމަޢަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ގޮވާލައްވާފައެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި ވަޒީރު އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ދަށުން ޓީޗަރުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ. މިގޮތުން، ސްކޫލްތަކަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ރައްކާތެރި މާޙައުލަކަށް ހެދުމާ އެކު، އުނގަންނައިދިނުމުގެ ދާއިރާއަށް ބޭނުންވާ ޒަމާނީ ފަންނީ ތަމްރީނުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ދަރިވަރުންގެ ތަރުބިއްޔަތުގައި މައިންބަފައިންނާ ޖެހިގެން ދެން އެންމެ އިސް ދައުރެއް އަދާކުރަނީ މުދައްރިސުންކަން ފާހަގަކުރައްވަމުން، ޑރ. ޝަފީޢު ވަނީ އެކަމަށް އޮންނަ އިޙްތިރާމް އިތުރުކުރުމަށް އެންމެހާ ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ޚާއްޞަކޮށް، މުދައްރިސުންނަށް ޙައްޤުވާ ފުރިހަމަ ޤަދަރު ހޯދައިދިނުމުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުން، އުނގެނުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ކުދިންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ބޭނުންވާ ހުނަރާއި އަޚުލާޤީ ސިފަތައް ލިބިފައިވާ ޤާބިލު މުދައްރިސުންތަކެއް ތިބެގެންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮންމެ މުދައްރިސެއްގެ ވެސް އެންމެ އިސް އަމާޒަކަށްވާން ވާނީ، ތަފާތުކުރުމެއްނެތި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުންކަމުގައި ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ލޯހުޅުވިފައިވާ، އުނގަންނައިދިނުމުގެ އައު ގޮތްތަކަށް އަހުލުވެރި ބަޔަކަށް ވުމަށް މުދައްރިސުންނަށް އިލްތިމާސްކުރެއްވިއެވެ. އޭރުން ދަރިވަރުންގެ ހިތްތަކުގައި ޢިލްމު އުނގެނުމަށް ޝައުޤުވެރިކަން އުފެދި، މުޖުތަމަޢަށް ފައިދާހުރި، ޒިންމާދާރު އަދި އަޚުލާޤީ ގޮތުން ރަނގަޅު ޖީލެއް ބިނާކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ތަޢުލީމީ ވަޒީރު ވަނީ، މުދައްރިސްކަމުގެ ދާއިރާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބި، އެ ފަންނުގެ އަގުވަޒަންކުރެވޭ އުފާވެރި މާޙައުލެއްގައި ރާއްޖޭގެ މުސްތަޤުބަލު އިތުރަށް އުޖާލާވެގެން ދިއުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

