
ފެނަކަ ކޯޕަރޭޝަނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަސްއެޅެމުންދާތީ، އެ ކުންފުނިން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވަނީ ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލު ޙިއްސާކުރައްވާފައެވެ. އެގޮތުން، މުޅި ރާއްޖެއަށް ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި ފެނަކަ އޮތްއިރު، ކުންފުނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކުންފުނި “ރައިޓް-ސައިޒް” ކުރުން ނުވަތަ މުވައްޒަފުންގެ ޢަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުން މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ކުންފުނީގައި 8،000 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، ހަމައެކަނި މުސާރައިގެ ގޮތުގައި މަހަކު 90 މިލިއަން ރުފިޔާ ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ މާ ބޮޑު އަދަދެއްކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ އެހެނިހެން ޒަރޫރީ ޚަރަދުތައް ކުރުމަށާއި ޚިދުމަތްތައް ފުޅާކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ.
މުވައްޒަފުންގެ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި، ޚިދުމަތްދޭ ކަސްޓަމަރުންގެ ނިސްބަތަށް ބަލައި ބްރާންޗުތައް ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އެއީ އެންމެ މަތީ ފަންތި ކަމުގައިވާ ސިޓީތަކާއި، 1000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބޭ ރަށްތަކާއި، 500 އާއި 1000 އާ ދެމެދުގެ އާބާދީތަކުގެ އިތުރުން 300 އާއި 500 އާ ދެމެދު އަދި 300 އަށްވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތްދޭ އެންމެ ކުދި ބްރާންޗުތަކެވެ. މި ބަދަލާ އެކު، ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބި ތަންތަނާއި، މުވައްޒަފުން މަދު ތަންތަނުގެ އިތުރުން މަސައްކަތެއް ނެތި ތިބި މުވައްޒަފުން ދެނެގަނެވިފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ.
އަފީފު އިތުރަށް ވިދާޅުވި ގޮތުގައި، އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތަކަށް ކުރިން ނަގާފައިވާ މުވައްޒަފުން، އޮފީހަށް ނުނުކުތް ނަމަވެސް މުސާރަ ދޭންޖެހުމަކީ ކުންފުންޏަށް އޮތް ވަރަށް ބޮޑު މާލީ ބުރައެކެވެ. މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުންފުނީގެ ބޯޑުން މިހާރު ވަނީ ރިޑަންޑަންސީ ސިޔާސަތެއް އެކުލަވާލައި ފާސްކޮށްފައެވެ. މި ސިޔާސަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

