
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އިންޒާރުދީ ސަރކިއުލާއެއް ނެރެފައިވާކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެމްއޭސީއެލްގެ ބައެއް މުވައްޒަފުން އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތްކުރުމުގެ ސަބަބުން ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅެމުންދާތީ، އެފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ. ނަމަވެސް މި ކަމަށް ރައްދުދެއްވައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ހިއްސާކުރައްވަމުން އެ ކުންފުނިން ބުނެފައި ވަނީ، މިއީ ވަކި ޚާއްސަ ހާދިސާއަކާ ގުޅިގެން ނެރުނު އެންގުމެއް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ.
ވައިގެ ބަނދަރަކީ ސަލާމަތީ ގޮތުން ނުހަނު ހައްސާސް ސަރަހައްދަކަށް ވުމާ އެކު، ސެކިއުރިޓީ ފާސް ބޭނުންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުވައްޒަފުންނަށް ހަނދާންކޮށްދިނުމަކީ ކުންފުނީގެ އެތެރޭގެ އިންތިޒާމުތަކުގެ ތެރެއިން އަބަދުވެސް ކުރަމުން އަންނަ ކަމެއްކަން އެމްއޭސީއެލްއިން ފާހަގަކުރިއެވެ. އަދި އެއަރޕޯޓުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ވެސް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ތަނަކަށްވާއިރު، އެތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުން މުހިންމެވެ. އެހެންކަމުން، ބޯޑަރު ސެކިއުރިޓީ ކަށަވަރުކުރުމާއި، ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ހަނިކުރުމަށްޓަކައި، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

