
ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގ ހަރުދަނާ އުޞޫލެއްގެ މަތިން ރާވައި ހިންގުމުގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ ބޭނުމުގައި، މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ކަމާގުޅުންހުރި 44 ފަރާތަކާ އެކު މާލޭގައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
“މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ކުރިއަށްގެންދިޔަ މި ފޯރަމަކީ މި ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ވެރިރަށް މާލޭގައި ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓްރީ އޮފް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަޒްމީ އަދުނާން ވަނީ، ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް މިއީ އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭ ބިޔަ ސިނާޢަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ދިވެހިރާއްޖެއަކީ ސްޕޯޓްސް ފިޝިންގ އަށް ނުހަނު މަޤުބޫލު މަންޒިލެއްކަން އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުވުމަށް އިންތިހާއަށް އިސްކަންދެއްވާކަން ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދީ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ސްޕޯޓްސް ފިޝިންގ ކުރިއެރުވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
ކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގެ އެންމެ ބޮޑު އަމާޒަކީ މި ސިނާޢަތުގެ މަޞްލަޙަތުވެރިންގެ ޚިޔާލު ހޯދައި، އެ ފަރާތްތަކުގެ މަޝްވަރާގެ މަތިން މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގެ ކަންކަން ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް ފަރުމާކުރުމެވެ. ހަމައެހެންމެ، މި މަސައްކަތު ބައްދަލުވުމުން އެއްކުރެވޭ މަޢުލޫމާތުތަކަކީ ކުރިމަގުގައި މަސްވެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، މި ދާއިރާގެ ތަރައްޤީއަށް އައު މަޝްރޫޢުތައް ރާވައި ހިންގުމަށް ނުހަނު ބޭނުންތެރި މަޢުލޫމާތުތަކަކަށް ވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބަޔާންކުރައްވާފައެވެ.

