
މީދާ ފެނުމުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނު ބަންދު ކޮށްފިއެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުގައި ހުންނަ ކާތަކެތިތައް ކައިރީގައި މީދާ ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފާއިތުވި ދެ ދުވަހު އޮތީ އާންމުވެފައެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފިޝަލަކު “ދެން”އަށް ވިދާޅުވީ މީދާ ފެނުނު މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ. އެހެންވެ އެ ކެންޓީނު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި އެ ކެންޓީނަކީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހިންގަމުންދާ ކެންޓީނެކެވެ.
އަދި މީދާގެ މައްސަލަ ސަމާލުކަމަށް އައުމާއެކު އެތަން ދޮވެ ސާފުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޮޓާތަކާއި ރެސްޓޯރެންޓުތަކުން ވެސް މީދާ ފެނިގެން އެތަންތަން މީގެ ކުރިން ބަންދުކޮށްފައިވެއެވެ.
އަދި އެފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ދޭތެރެ ދޭތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިންސްޕެކްޝަންތައް ވެސް ބާއްވައެވެ.

