
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މުއްދަތު ހަމަވިއިރު ނުލިބި އޮތް ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފިއެވެ.
އާންމުކުރި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަންނަންޖެހޭ 8.1 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. މިއީ ފާއިތުވި 2025ވަނަ އަހަރުގެ ނިޔަލަށް ނުލިބި އޮތް 7.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 317.69 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީރާއަށް ނުލިބިވާ ފައިސާގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.4 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހުގެ ބާވަތްތަކުން 697.65 މިލިއަން ރުފިޔާ ނުލިބިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ޓެކުހުގެ ބޭރުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް 6.3 ބިލިއަން ރުފިޔާ ހޯދިފައިނުވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންތަކުގެ ކުއްޔެވެ. އެގޮތުން، ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 5.9 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. މިދިޔަ އަހަރު ނިމުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނުލިބި އޮތީ 6 ބިލިއަން ރުފިޔާކަމަށްވުމުން މިއީ 300 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީތަކުން) ދައްކަންޖެހި، ގަވާއިދުން ނުދައްކައިވާ ފައިސާގެ އަދަދު ވެސް ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 3.51 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 2025ވަނަ އަހަރުގެ ނިޔަލަށް އޮތް 2.39 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.12 ބިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. ނަމަވެސް، މީރާއިން އެކަށައަޅާފައިވާ ތަންފީޒީ އުސޫލުތަކުގެ ދަށުން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 2.09 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ހޯދިފައެވެ.

